ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ގިނަ ގައުމުތަކުން ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
ފަލަސްތީނުގެ ދައުލަތް ދުނިޔޭގެ 143 ގައުމަކުން ބަލައިގަނެފައިވާއިރު، އެ ލިސްޓަށް ނޯވޭ، ސްޕެއިން އަދި އަޔަލެންޑް ވަނީ އިތުރުވެފައެވެ.
ފަލަސްތީނު ބަލައިގަތް ގައުމުތަކަށް މަރުހަބާ ކިޔައި ރާއްޖެއިން ވަނީ، ފަލަސްތީނުގެ ދައުލަތް ބަލައި ނުގަންނަ ގައުމުތަކުން މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.
ނޯވޭ، ސްޕޭން އަދި އަޔަލެންޑުން ރަސްމީކޮށް ފަލަސްތީނު ބަލައިގަންނަން އަންނަން ހަފްތާގައި ނިންމާނެކަން ހާމަކުރުމުން، މިއީ އިޒްރޭލާއި ޔޫރަޕާއި ދެމެދު އޮތް ގުޅުން ގޯސްވާނެ ކަމެއްގެ ގޮތުގައި ހުޅަނގުގެ މީޑިއާތަކުން ސިފަ ކުރެއެވެ.
އެ ތިން ގައުމުގެ ނިންމުން އިޒްރޭލުން ކުށްވެރިކޮށް، އިޒްރޭލްގެ ދިފާއީ ވަޒީރު ވަނީ އެ ގައުމުތަކުގެ ސަފީރުން ވެސް ހާޒިރުވާާން އަންގާފައެވެ.
