ތިމާވެށީގެ ދުވަހު ފަށާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ސްޓެލްކޯގެ މުވައްޒަފުން ވެސް ބައިވެރިވާން ނިންމައިފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްޓެލްކޯގެ މުވައްޒަފުން އިސްނަގައިގެން ގަސް އިންދުމުގެ ޙަރަކާތެއް ހިންގުމަށްވަނީ ނިންމާފައި ކަމަށެވެ.

”މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކޮޕް 28 ސަމިޓުގައި އިއުލާން ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަގައި ބައިވެރިވެ، އެ މަސައްކަތުގައި ހިއްސާވުމުގެ ގޮތުން ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ހިންގާ ހަރަކާތެކެވެ.“

 

މި ޕްރޮގްރާމްގެ ޒަރިއްޔާއިން ސްޓެލްކޯއިން އުފައްދާ ކަރބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިވާނެތީ، ކުންފުނީގެ ހުރިހާ މުވައްޒިފުންގެ ބައިވެރިވުން މުހިންމުކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ފަސް އަހަރަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް، އަންނަ މަހުގެ ފަސް ވަނަ ދުވަހު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެށުމަކީ ސަރުކާރުގެ އަމާޒެވެ.