ފަލަސްތީނުގެ ޣައްޒާގެ އިތުރު މީހެއް ސަލާމަތްކޮށް ރާއްޖެ ގެނެސްފިއެވެ.

އެހީ ފޯރުކޮށްދޭ ޖަމާއަތެއް ކަމަށްވާ ’ހިދުމަތް‘ ޖަމިއްޔާއިން ރާއްޖެ ގެނެސްފައިވަނީ ނަދާ ކިޔާ 17 އަހަރުގެ އަންހެން ކުއްޖެކެވެ.

ދިވެހި އާއިލާއަކާ ގުޅުން ވެސް ހުރި މި ކުއްޖާގެ ކިޔެވުމުގެ ހަރަދުތައް ވެސް ދިވެހީންގެ އެހީގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހިދުމަތް ޖަމިއްޔާ އިން ބުނެއެވެ.

”މިއަދު ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމުން ނަދާއަށް ތިޔަ ދައްކުވައިދިނީ، އަހަރުމެން އެއްމެންނަކީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގެ މައްޗަށް އެކުލެވިގެންވާ އެއްއުންމަތެއް ކަމެވެ.“ހިދުމަތް ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ ނަދާއަށް މިއަދު ”މި ދޮންވެލި ގޮނޑުދޮށްތަކުގެ ހިމޭންކަމުން މަރުޙަބާ މި ކިޔަނީ، އަޅުގަނޑުމެންގެ އަމިއްލަ ލޭހިނގާ އުޚްތަކަށް މަރްޙަބާ ކިޔާނެ ލޯތްބާއި އޯގާތެރިކަމާއި އެކުގަ‏‏އި ކަމަށެވެ.

”މިއަދު ނަދާއާއިއެކު މިއުފާވެރިކަމުގައި، ނަދާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީތެރިވެދެއްވި ކޮންމެ ދިވެހި ރައްޔިތެއްގެ ބައިވެރިވުން ހިމެނޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އަދި އަޅުގަނޑުމެން އެންމެންގެ ދުޢާއަކީ، ނަދާގެ އުފަންރަށް ފަލަސްތީން، އަނިޔާވެރިންގެ ކިބައިން މިނިވަންވެގެން ދިއުމެވެ. އާމީން!“

ފަލަސްތީނުގެ އިތުރު ކުއްޖަކު ރާއްޖެ ގެނެސްފައިވާއިރު، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ފަލަސްތީނުގެ ޕްރޮފެސަރު ޑރ. ހަސަން އަލް ކުރުދީގެ އާއިލާ ވެސް ގާޒާ އިން ނެރެ ދާދިފަހުން ވަނީ ރާއްޖެ ގެނެސްފަ އެވެ.