ދިވެހިރާއްޖޭގެ އުތުރަށް މިރޭ ބިންހެލުމެއްގެ އަސަރު ކުރިއިރު، ހދ.ކުޅުދުއްފުށި ސިޓީގެ ރައްޔިތަކު އޭނާއަށް މި ލޮޅުން ތަޖުރިބާ ކުރެވުނު ގޮތް ”އަސުރަށް“ ވަނީ ކިޔައިދީފައެވެ.

އަރަބިއަން ސީއަށް މި ބިންހެލުން އައިސްފައި ވަނީ ކުޅުދުއްފުއްޓާއި 234 ކިލޯމީޓަރު ކައިރިއަށެވެ.

މިރޭ ރާއްޖެ ގަޑިން 8:26ގައި ބިންހެލުން އައީ 4.5 މެގްނެޓިއުޑް ބާރުމިނުގައި، 10 ކިލޯމީޓަރު އަޑިންނެވެ.

ބިންހެލުން އައި ވަގުތު ކުޅުދުއްފުށި ސިޓީގެ ފިހާރައެއްގައި އިން މީހަކު ބުނީ، ފިހާރައިގެ ފާރަށާއި، ދޮރުފަތަށް ވެސް އެނގުން ވެގެން ދިޔަ ކަމަށާއި، ލޮޅުމުގެ އަސަރު، ފަސް ސިކުންތަށްވުރެ ގިނައިރު ހުރި ކަމަށެވެ.

އަދި މާލޭގައި ތިބި ބަޔަކަށް ގުޅައި، ލޮޅުމެއްގެ އަސަރު ކުރިތޯ އެހި ކަމަށް އޭނާ ބުންޏެވެ.

”އަސްލު ހަމަ ރީތިކޮށް އެނގުންވީމަ މި ބުނީ ވެސް، ފިހާރައިގެ ދޮރަށް ވެސް އެނގުން ވީމަ.“ ނަން ހިއްސާ ކުރަން ބޭނުން ނުވާ ކަމަށް ބުނެ، ”އަސުރަށް“ މައުލޫމާތު ދިން މީހާ ބުންޏެވެ.

މި ބިންހެލުމާއި ގުޅިގެން، ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

2023 ވަނަ އަހަރުގެ ފަހުކޮޅު ވެސް ރާއްޖެ ކައިރިއަށް ހަތަރު ބިންހެލުމެއް އައިސްފައިވެއެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ރާއްޖެއާ ކައިރި ހިސާބެއްގައި އޮންނަ ކާލްސްބާގް ރިޖަށް ވެސް ބިންހެލުމެއް އައިސްފައިވެއެވެ.

އެއީ 5.6 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.