އދ އާއި ރާއްޖޭގެ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ މިއަދު ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން އޮތީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އދ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އދ އިން ދިވެހިރާއްޖޭގެ ގައުމީ ތަރައްގީ އަށް ވެދެއްވާ އެހީތެރިކަމާ، ބައިނަލްއަގްވާމީ މުޖްތަމަޢާ ރާއްޖެއާ އޮތް ގާތްކަމާ އިތުބާރު ދެމެހެއްޓުމުގައި އދ އަދާކޮށްދޭ ދައުރު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ސިޑްސް ފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމުކަމާއި، މި މަހާސިންތާއިން ނެރެވޭނެ އުއްމީދީ ނަތީޖާތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ އދ ގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާކުރުމަށާ، ރާއްޖެއަށް އދ ން ވެދޭ އެހީތެރިކަން އިތުރުކޮށް، ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގެ އުންމީދު ދެ ބޭފުޅުންވެސް އައުކުރައްވަމުންނެވެ.