ފަލަސްތީނުގެ ޣައްޒާގެ އެތައް ރައްޔިތުންތަކެއް ހިމާޔަތް ހޯދަމުން އަންނަ ރަފާހްގައި ހުންނަ ކޭމްޕަކަށް، ޔަހޫދީން ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ކުށްވެރި ކުރައްވާފައި ވަނީ، މިއަދު ފަތިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އައިސީޖޭގެ އަމުރުތަކަށް އިޒްރޭލުން ތަބާވާާން ޖެހޭނެ ކަމަށާއި، ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ވެސް ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯލަނބަން ޖެހޭނެ ކަމަށެވެ.

އެމަނިކުފާނު ވަނީ ޣައްޒާއަށް ހަމަލާ ދިނުން ހުއްޓާލުމަށް ވެސް ގޮވާލައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.

 

ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓު

ރަފާހުގެ ކޭމްޕަށް ޔަހޫދީން ހަމަލާ ދިނުން، ރޭ ފޮރިން މިނިސްޓްރީން ވެސް ކުށްވެރި ކުރިއެވެ. ޔަހޫދީން ހަމަލާ ދީފައިވަނީ ޣައްޒާގެ ދެކުނުން އޮންނަ ރަފާހުގެ ހުޅަނގުގައި ގެދޮރުގެއްލިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ޓަލް އައްސުލްތާނުގައި ހުންނަ ބްރިކްސް ކޭމްޕަށެވެ.

މި ހަމަލާ ދީފައި ވަނީ 8 ނުވަތަ 10 ވަރަކަށް ގޮވާ ޒާތުގެ ތަކެތި ބޭނުން ކޮށްގެންނެވެ. މި ހަމަލާ ދިނުމުން އެތަނުގައި އަލިފާން ރޯވެ، އަލިފާންގަނޑު ފެތުރުނެވެ. އަދި ދިރިތިބި އެތައް ބައެއްގެ ހަށިގަނޑުގައި އަލިފާާން ރޯވެ، ޝަހީދުވިއެވެ.

 

 

 

 

ި