ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި އައު ޑިޖިޓަލް ހިދުމަތްތައް ތައާރަފު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ”ސްމާޓް މޯލްޑިވްސް: ޖަރނީ ޓުވަރޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިއުނިޓީ“ ގައި މިއަދު ތަގްރީރު ކުރައްވަމުންނެވެ.
މިއީ ސިޑްސް ހަތަރެއްގެ ސައިޑް އިވެންޓެކެވެ. މި އިވެންޓް އިންތިޒާމުކުރީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާ ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ ގުޅިގެންނެވެ.
ރައީސްގެ ތަގުރީރުއި ދިވެހިރާއްޖެއިން މިހާރު ދަނީ ޑިޖިޓަލް އިކޮނޮމީއަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންކަން ފާހަގަކުރައްވައި، މި ބަދަލުގެނައުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުމާއި އެކުގައި މަސައްކަތްކުރުމާއިއެކު، އިތުރު އިންވެސްޓްމަންޓް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސް ވަނީ ދިވެހިރާއްޖެއިން މަސައްކަތްކުރަނީ އައު އީޖާދުތަކާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިޔަށްދިއުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް އަމާޒުކޮށްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކަށް ފެތޭގޮތަށް ރާއްޖޭގައި ހަރުދަނާ ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލައި ތަންފީޒުކުރުމަށް ރާއްޖެއަށް ފަންނީ އެހީތެރިކަން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ އެމަނިކުފާނު ވަނީ ސަރަޙައްދީ އަދި ބައިނަލްއަގްވާމީ ސްޓޭންޑަރޑްތައް ހަމަޖެއްސުމަށް ކުރިޔަށްގެންދާ މަޝްވަރާތަކުގައި ފުރުސަތު ލިބުމާ އަދި ޑިޖިޓަލް އިކޮނޮމީއެއް ބައްޓަންކުރުމަށް ހަމަހަމަ ފުރުސަތު ލިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން ހުއްޓުމެއްނެތި އަންނަނީ އަރޓިފިޝަލް އިންޓަލިޖެންސް އަދި ބިގް ޑާޓާގެ ޒަމާނަށް ފެތޭގޮތަށް ޑިޖިޓަލް ސިޓިޒަން ބިނާކުރުމަށް މަސައްކަތްކުރަމުންކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ކުރިމަތިވަމުންދާ ހުރަސްތަކާއެކު ވެސް ހުއްޓުމެއްނެތި މަސައްކަތްކޮށް ވިލުންތެރިކަން އިތުރުކޮށް ރާއްޖެއަށް ނަތީޖާ ނެރެވިދާނެކަމާއި އަދި އެ ދަތިތައް ހުރަސްކުރެވިދާނެކަން ބައިނަލްއަގްވާމީ މުޖުތަމަޢަށް ހާމަކޮށްދެއްވާފައެވެ.
އެގޮތުން އުނދަގޫ އޮއިވަރުތަކާއި އަދި ލިބިފައިވާ ވަސީލަތްތަކުގެ މަދުކަމާއި އަދި ދާންވީ ދިމާ ސާފުނުވާ ހާލަތްތަކާވެސް ކުރިމަތިލައި ވިލުންތެރިކަން އިތުރުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ހުއްޓުމެއްނެތް އޮއިވަރާ މި ކުދިކުދިރަށްތަކުން ކުރިމަތިލާގޮތަށް، އަމިއްލައަށް ކަނޑައަޅާފައިވާ އިންތައް ފަހަނައާ ކުރިޔަށްދާންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
