ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޓޮންގާގެ ބޮޑުވަޒީރު ސިއާސީ ސިވަލެނީއާ ބައްދަލުކުރައްވައިފިއެވެ.
އެންޓީގާ އެންޑް ބާބިޔުޑާގައި މި ބައްދަލުކުރެއްވުން މިއަދު ބޭއްވެވީ ތަރައްގީ ވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގްވާމީ ކޮންފަރެންސްގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ތަރައްގީގެ މަގުގައި ކުރިޔަށްދާއިރު އަމިއްލަ ފުދުންތެރިކަމާއެކު ކުރިޔަށްދިއުމުގެ މުހިންމުކަމުގެ މައްޗަށެވެ.
މީގެ އިތުރުން ދެ ލީޑަރުން ވަނީ މަލްޓިލެޓަރަލް ކްލައިމެޓް ފަންޑުގެ އެހީތެރިކަން ހޯދުމަށް މިހާރު އޮންނަ ގޮތްތައް އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަސައްކަތްކުރުމާއިއެކު، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
