ވިނަރެސް ފުލެޓުތަކުގެ އާންމު ސަރަހައްދުތަކުގައި ބަހައްޓައިފައި ހުރި ތަކެތި ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިނަރެސް ފުލެޓުގެ އާންމު ސަރަހައްދުގައި އެއްޗެއް ބަހައްޓައިފައިހުރި ނަމަ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެތަކެތި ނަގަން އަންގާ ކަމުގައެވެ.
ވިނަރެސް ޓަވަރުގެ ވަކި ޔުނިޓުތަކުގައި ހިފާ ގެންގުޅޭ ތަކެއްޗާއި ކުނީގެ ބާވަތްތައް ޔުނިޓު ބޭރުގައި، އާންމު ސަރަހައްދުގައި ބަހައްޓައިފައި ހުރުމުން އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައި އާންމު ބައިތައް ސާފުކޮށް އެހެން ހިދުމަތްތައް ފޯރުކޮށްދޭން ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް އެ ކުންފުނިން ނެރުނު ބަޔާނުގައިވެއެވެ.
ވިނަރެސް އަކީ ވަކި ޔުނިޓުތަކެއްގައި ތަފާތު ގޭބިސީތަކެއް ދިރިއުޅޭ އިމާރާތަކަށްވާތީ އެ ކަމުގެ ސަބަބުން އަވައްޓެރި ފުލެޓަށް އުނދަގޫވެދާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
އެބަޔާނުގައި ބުނިގޮތުގައި އިމާރާތުގެ އާންމު ބައިތައް ހަމަހަމަ އުސޫލެއްގެ ދަށުން ބޭނުންކުރެވުމަކީ އިމާރާތުގައި ހިއްގައިމު އަދި ރައްކާތެރި މާހައުލެއް ބިނާކުރަން ވަރަށް މުހިންމު ކަމެކެވެ. އެހެންވެ އިމާރާތުގެ އާންމު ތަންތަނާއި ވަސީލަތްތައް ބޭނުން ކުރުމާ ގުޅޭ ގޮތުން ޝާއިއު ކޮށްފައިވާ ޤަވާއިދަށް ތަބާވުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.
އަދި އެގޮތަށް އަމަލު ނުކުރާނަމަ އުސޫލުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ބަޔާނުގައި ވަނީ ދީފައެވެ.
