ސެއިންޓް ރެޖިސް ސިންގަޕޫރުގައި މި މަހުގެ 28 ވަނަ ދުވަހު ބޭއްވި ޓްވިމްބްޓް އެވޯޑްސްގެ ”ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ“ ގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެއެވެ.

Ads by Asuru

”ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާ“އަށް ނޮމިނޭޓްވި ތިން ކުންފުންޏަކީ އުރީދޫ މޯލްޑިވްސް، ދިރާގު، އަދި ބްރޫނާއީގެ ޑީއެސްޓީއެވެ.

އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، ޓްވިބިޓް ޓެލެކޮމް އެވޯޑްސް 2024 ގައި ”ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ“ އެވޯޑް ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

”މިއީ މިކާމިޔާބީ އަށް މަގުފަހިކޮށްދިން އަޅުގަނޑުމެންގެ ޓީމްގެ ހިތްވަރާއި ބުރަ މަސައްކަތުގެ ހެއްކެއް. މި ކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ކާމިޔާބީ ފާހަގަކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައިވެސް އީޖާދީ، ފެންވަރު ރަނގަޅު ހިދުމަތް ދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން“ އޭނާ ވިދާޅުވިއެވެ.

މި އެވޯޑްސްގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބޮޑެތި ޓެލްކޯއަދި ޓެކް ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

އޭގެ ތެރޭގައި ބާރްތީ އެއާޓެލް، ސިންގްޓެލް، ސްޓާހަބް، ރަކުޓެން މޮބައިލް ޖަޕާން، ރިލަޔަންސް ޖިއޯ، އިންޑޯސެޓް އުރީދޫ ހަޗިސަން، ޗައިނާ މޮބައިލް ފަދަ ކުންފުނިތައް ހިމެނެއެވެ.

ޓެލެކޮމް އިނޮވޭޓަރުންނަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއިން ވަނީ 23 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޓެލްކޯ އޮފް ދަ އިޔާ، ޓެލްކޯ ޓު ޓެކްކޯ އޮފް ދަ އިޔާ ފަދަ ދާއިރާތަކުން ފާހަގަކޮށްލެވޭ ކުންފުނިތަކަށް ޝަރަފުވެރި އެވޯޑް ހަވާލުކޮށްފައެވެ.

މި އެވޯޑުގެ ސްޓްރެޓީޖިކް ޕާޓްނަރަކީ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުގައި މަޝްހޫރު ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އެފް5އެވެ. މި ޕްރޮގްރާމުގެ މީޑިއާ ޕާޓްނަރަކީ ޑީއެންއޭއެވެ.

އެވޯޑް ހަފްލާގައި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި ކުންފުނިތަކުގެ ތެރޭގައި އެސްކޭޓީ، ރިލަޔަންސް ޖިއޯ، ޕީސީސީޑަބްލިއު، ޓެލްސްޓްރާ، އޮޕްޓަސް، ބާރްތީ އެއާޓެލް، އުރީދޫ މޯލްޑިވްސް ހިމެނެ އެވެ. އުރީދޫން ބުނީ، މި ކުންފުނިތަކަށް މި ލިބުނު ކާމިޔާބީއަކީ މުވާސަލާތީ ދާއިރާގައި މިކުންފުނިތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތަކީ މި ރީޖަންގައި ތައުރީފު ހައްގު ހިދުމަތެއްކަން ޔަގީންވާ ކާމިޔާބީއެއް ކަމަށެވެ.