ފަލަސްޠީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް އިތުރު ހަތް މަސް ދުވަހަށް ދިގު ދަންމާލާނެ ކަމަށް އިޒްރޭލުން ބުނެފިއެވެ.
އަލްޖަޒީރާ ނޫހުން ބުނިގޮތުގައި، އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ވަނީ، މި އަހަރު ނިމުމުގެ ނިޔަލަށް ވެސް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި، ހަނގުރާމަ ދިގު ދަންމާލަނީ ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާޢަތުގެ އަސްކަރިއްޔާއާއި، ސަރުކާރު ހިންގުމުގެ ބާރު ނައްތާލައި، ފަލަސްޠީނު އަޅުވެތިކަމުން މިންޖު ކުރުމަށް މަސައްކަތް ކުރާ އެހެނިހެން މުޖާހިދުން ވެސް ނައްތާލުމުގެ ބޭނުމުގައެވެ.
ހަމަލާތައް ހުއްޓާނުލާނެ ކަމަށް ޔަހޫދީން ބުނިއިރު، ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ވަނީ އިތުރު ކޮށްފައެވެ.
ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދގެ އެޖެންސީ (ޔޫއެންއާރްޑަބްލިއުއޭ)ގެ އިސްވެރިއާ ފިލިއްޕޭ ލަޒަރަނީ ވިދާޅުވީ ފާއިތުވި ތިން ހަފްތާތެރޭގައި ރަފަހް ދޫކޮށް އެއް މިލިއަން މީހުން ގޮސްފައިވާ ކަމަށެވެ.
އަދި ރަފަހްގެ އެކި ސަރަހައްދުތަކަށް ދަންވަރުގެ ވަގުތުތަކުގައި އިޒްރޭލުން ހަމަލާތައް ދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
