ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އިން މި އެލާޓު ނެރުނީ ފަތިހު 5:30 އިން ހެނދުނު 10:30 އަށެވެ. މެޓް އޮފީހުން ބުނީ، އެލާޓް ނެރެފައިވާ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި، ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އެލާޓްތައް ދަނީ ނެރެމުންނެވެ. ކަނޑު ދަތުރު ކުރާއިރު މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.
