ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިނިސްޓަރުގެ މި ދަތުރާ ގުޅޭގޮތުން، ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޒަމީރު ލަންކާ އަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 6-3 ގެ ނިޔަލަށް ކަމަށެވެ.

ލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ އާއި އެގައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނާއާ ބައްދަލުކުރައްވާނެއެވެ.

އަދި ދެ ގައުމުގެ ދެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.