ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން 10 ބައި-އިލެކްޝަނެއް ޖުލައި މަހުގެ 20 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީން ބުނީ އަންނަ މަހުގެ 20 ވަނަ ދުވަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ދެ ކޮމިޓީއެއްގެ ބައި-އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ. މިއީ ޅ. ހިންނަވަރާއި ފ. ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަންތަކެކެވެ

އަދި މިއިން ކޮންމެ ކޮމިޓީއަކަށްވެސް އިންތިޚާބުކުރާނީ އެއް މެންބަރެކެވެ.

މީގެ އިތުރުން ޖުލައި މަހުގެ 20 ވަނަ ދުވަހު އިތުރު 8 ބައި-އިލެކްޝަނެއް އޮންނާނެއެވެ.

އެއީ ޅ. އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށާއި، ފ. ބިލެތްދޫ ކައުންސިލްގެ ރައީސްއާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރާއި، ރ. ހުޅުދުއްފާރު ކައުންސިލް މެންބަރާއި، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރާއި، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރާއި، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރާއި، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމަށް ބާއްވާ އިންތިހާބުތަކެވެ.

ޖުލައި 20ގައި އޮންނަ ބައި-އިލެކްޝަންތަކުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ކެންޑިޑެންސީ ފޯމު ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު ހުޅުވާލާފައެވެ.

މިދިޔަ މަހުގެ 30 އިން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު އެބައޮތެވެ.