އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަ ކުރައްވައި، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އަދި އެކަން ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ބަންޑާރަ ނައިބާއި ޓޫރިޒަމް މިނިސްޓާއި އިސްލާމިކް މިނިސްޓަރެވެ.
”މިއަދު މި ނެންގެވި ސްޓޭންޑަކީ އަޅުގަނޑުމެން އިންސާނިއްޔަތަށްޓަކާ ނިންމާ ނިންމުމެއް،“ އިހުސާން ވިދާޅުވިއެވެ.
ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ދާދިފަހުން ވަނީ ހުށަހަޅާފައެވެ.
އިމިގްރޭޝަންގެ ގާނޫނަށް މި އިސްލާހު ގެންނަން ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 36،000 އަށް ވުރެ މައްޗަށް އަރާފައެވެ.
