އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރާއްޖޭގެ ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުން، ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

Ads by Asuru

ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުން އިއްޔެ ހާމަ ކުރެއްވިއިރު، އަލްޖަޒީރާ، އޭޕީ ނިއުސް، ސީއެންއެން، ޓައިމްސް އޮފް އިންޑިއާ، އަދި އަރަބި މީޑިއާތަކުގެ ފަލަ ސުރުޙީތަކުންވެސް މިކަން ވަނީ ޖާގަ ހޯދާފައެވެ.

އިޒްރޭލްގެ ޕާސްޕޯޓް މަނާ ކުރުމަށް ރާއްޖެއިން ނިންމި ޚަބަރު ސީއެންއެންގައި

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، މިކަން ކުރިއަށް ގެންދިއުމަށް އިއްޔެ ވަނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ނިންމަވައިފައެވެ.

މީގެ އިތުރުން ފަލަސްތީނާއި އިސްރާއީލްގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްތީނުން އެދޭކަންކަން ދެނެގަތުމަށް، ރައީސް ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމެވުން ހިމެނެއެވެ.

ހަމައެހެންމެ، ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އަހުންނާއި އުހްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި ”ފަލަސްތީނާއިއެކު ދިވެހިން“ މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށް ވެސް ވަނީ ނިންމަވައިފައެވެ.

އިޒްރޭލުގެ ޕާސްޕޯޓު ބޭން ކުރަން ރާއްޖެއިން ނިންމި ނިންމުމަކީ ހިތްވަރު ގަދަ ނިންމުމެއްގެ ގޮތުގައި، ދުނިޔޭގެ އެކި ޤައުމުތަކުގެ މީހުން، މީސްމީޑިއާގައި ދަނީ ފާހަގަކުރަމުންނެވެ. މި ޚަބަރާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ ނޫސްތަކުގައި ޝާއިޢު ކޮށްފައިވާ ލިޔުންތަކަށް އެކްސްގައި ކޮމެންޓު ކުރި ގިނަ މީހުން ވަނީ ރާއްޖޭގެ ނިންމުމަށް ތައުރީފުކޮށް، ރާއްޖެ ނަމޫނާއަކަށް ބެލުމަށް އެހެން ޤައުމުތަކަށް ގޮވައިލައިފައެވެ.

ރާއްޖޭގެ ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުންއެކްސްގައި ކޮށްފައިވާ ކޮމެންޓުތަކެއް

ރާއްޖެއާއި އިޒްރޭލާއި ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ނޯންނައިރު، އެ ގުޅުން ބަދަހި ކުރަން މަސައްކަތް ކޮށްފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރުގައެވެ.

އޭރު އިޒްރޭލްގެ ”‏އެލް އާލް“ އެއާލައިންގެ ދަތުރުތައް، ރާއްޖެއަށް ފެށުމަށް ވެސް ރޭވިއެވެ. ނަމަވެސް އޭރުގެ ސަރުކާރަށް މިކަން ނުކުރެވުނީ، ރައްޔިތުން ރުޅިގަދަވެ، މަގުތަކަށް ނުކުމެ އިހްތިޖާޖު ކުރުމުގެ ސަބަބުންނެވެ.