ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، މެދުޒިޔާރަތްމަގު، ހޮޓެލް ޖެން ކައިރީގައި، ސައިކަލު ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލާފައިވާކަމުގެ މައުލޫމާތު، މިއަދު 3:03 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

”އަލިފާން ރޯކޮށްލުމާއި ގުޅިގެން، ހަތް ސައިކަލަކާއި ވޭން އަކަށް ގެއްލުން ލިބިފައިވޭ.“ ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މީގެތެރެއިން، ތިން ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލި ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަލިފާން ރޯކުރި މީހާ ދެނެގަނެވިފައިވާއިރު، މި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.