ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ، ހިޔާ ފްލެޓް ސަރަހައްދުގައި މީހެއްގެ އަތުން ފޭރުނު ބަޔަކު ހިފަހައްޓާ ބަރަހަނާކޮށްފައި ވަނިކޮށް، މި މައްސަލައިގައި ހިމެނޭ މީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް2 ގެ އެޗް1 ފްލެޓް ކައިރިން މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމަށް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 32 އަހަރުގެ ދެ މީހުންނާއި 36 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެކެވެ. މި އެންމެނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން މައުލޫމާތު ސާފު ކުރުމުން ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާ ކަަމަށް މައުލޫމާތު ލިބިފައިވާ ކަަމަށް ބުނެފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ހަތަރު މީހަކު ހެދުން ބާލުވާފައި ހިޔާ ޓަވަރެއްގެ ބޭރުގައި ސިޑި މަތީގައި ތިބި މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފައެވެ.