ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުންގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް ޝުޖާއު އައްޔަންކުރައްވާފައިވަނީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (މ) ގައިވާ ގޮތުގެ މަތިން ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އައްޔަންކުރުމަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުންނެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ޝުޖާއުގެ ނަން ހުށަހެޅުއްވުމުން، އެ ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ތާއީދުކުރައްވާފައިވެއެވެ.

ކްލެމެންސީ ބޯޑަށް މަޖިލީސް ތަމްސީލު ކުރާ ގޮތަށް ޝުޖާއު އައްޔަންކުރައްވާފައިވަނީ މިއަދު ވޯޓުގައި ބައިވެރިވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

އެގާރަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކްލެމެންސީ ބޯޑަކީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ.