ޤަވާއިދަށް ނުފެތޭ މަގު ބައްތިތައް ރަނގަޅު ކުރަން ރަށު ކައުންސިލްތަކަށް މުއްދަތެއް ދިނުމަށް ފެނަކައިން ނިންމައިފިއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފެނަކައިން ހިދުމަތް ދެމުން ގެންދާ ހުރިހާ ރަށެއްގައި ހުރި މަގު ބައްތިތައް ޔޫއާރްއޭގެ މިންގަނޑަށް ހުރިތޯ ބެލުމަށް އިންސްޕެކްޝަންއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ގަވައިދަށް ނުފެތޭ މަގު ބައްތިތައް ރަނގަޅު ކުރަން ކައުންސިލްތަކަށް މުއްދަތެއް ދޭން ނިންމާފައިވާކަމަށް މުއާޒު ވިދާޅުވި އެވެ.
ޤަވާއިދަށް ނުފެތޭ މަގުބައްތިތައް ރަނގަޅު ކުރުމަށް އަންގާފައި މި ވަނީ، ރ.އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީގައި ހުރި ފެންގަނޑަކަށް ކުޅެން އެރި އުޅުނު ކުޑަ ކުދިންތަކެއް ކަރަންޓުގައި ޖެހުނު ހާދިސާއާއި ގުޅިގެންނެވެ.
މިކަން ހިނގައިދިޔައީ ފެނަކައިގެ އިހުމާލުން ކަމަށް ބުނެ، ނޫހެއްގައި ޝާޢިޢު ކުރި ޚަބަރު މުއާޒު ދޮގު ކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެ ޚަބަރަކީ ފެނަކަ އާއި މެދު އާންމުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ލިޔެފައިވާ ދަށުދަރަޖައިގެ ޚަބަރެއް ކަމަށެވެ.
