ދިވެހިރާއްޖެ ފެހި ކުރުމަށް، ތިމާވެށީގެ ދުވަހު ފަށާ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މާދަމާ ފަށާނެއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ، މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00 ގައި ލޮނު ޒިޔާރަތް ޕާކުގައި ކަމަށެވެ.
މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަސް މިލިއަން ގަހުގެ މަސައްކަތް ފަށާނެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނައިބު ރައީސްގެ ދެކަނބަލުންނާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަދި ކެބިނެޓްގެ ވަޒީރުންނާއި، އެންބެސެޑަރުން ބައިވެރިވެ ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ލޮނުޒިޔާރަތް ޕާކުގައި އިންދުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ މާހައުލުން ފެންނަ، މިހާރު ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެއްސެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ދިވެހިރާއްޖެ ފެހިކުރުމަށާއި، ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި އަދި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ދިވެހިރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރު ތެރޭގައި ހިންގާ ޕްރޮގްރާމެކެވެ.
މި މަޝްރޫޢު ކުރިއަށް ގެންދެވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
