ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަވައްޓެރިއެއްގެ އިތުރުން އަގުހުރި ބައިވެރިއެއް ކަމުގައި ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޝުކުރު އަދާކުރައްވައިފިއެވެ.
މޯދީ މިހެން ވިދާޅުވީ އިންޑިއާގެ އިންތިޚާބުގައި އެ މަނިކުފާނުގެ ބީޖޭޕީއާ ކޯލިޝަން ޕާޓީތަކަށް ލިބުނު ކާމިޔާބަށް މަރުޙަބާ ވިދާޅުވެ ރައީސް މުޢިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓަށް ޖަވާބުދެއްވަމުންނެވެ.
މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އަގުހުރި ބައިވެރިޔާ އަދި އަވަށްޓެރި ޤައުމެއްކަމަށެވެ.
އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިހުނަށްވުރެ ގާތުން އެކީގައި މަސައްކަތްކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ އާއްމު އިންތިޚާބު ބީޖޭޕީން ކާމިޔާބު ކުރުމުން، ރައީސް މުޢިއްޒު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ބީޖޭޕީއާއި އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނެޝަނަލް ޑިމޮކްރަޓިކް އެލަޔަންސް(އެންޑީއޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި މޯދީއަށް ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ތަރައްޤީއާ ހަމަޖެހުން ހޯދުމަށް ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
