ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަކި އިދާރާއަކުން ނޫނީ ވަކި މުއައްސަސާއަކުން އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެއީ މުޅި މުޖުމަތައުގެ އެންމެހާ ރައްޔިތުންނާވެސް ގުޅިފައިވާ ކަމަކަށްވާއިރު، ފަރުދީ ގޮތުން ކޮންމެ ރައްޔިތަކުވެސް އަދާކުރައްވަންޖެހޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ފަސްޓްލޭޑީ އިލްތިމާސްކުރެއްވިއެވެ.

އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ކުޑަކުރެވިގެން ދާނެ ކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި މެދު އާންމުންނާއި ކަމާއި ގުޅޭ މުއައްސަސާތައް އަހުލުވެރިކުރުމަކީ ކާބޯތަކެތީގެ ޒަރީއާއިންޖެހޭ ބަލިތައް ކޮންޓްރޯލްވެ އެކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަ ކުރެވިގެންދާނެ ކަމަށްވެސް ފަސްޓްލޭޑީ ވިދާޅުވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހަކީ 07 ޖޫންއެވެ. މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިޤްތިޞާދީ އަދި ޞިއްޙީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.

މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ“ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ“ މި ސުރުޚީއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަމީހުން ތަހައްމަލުކުރެއެވެ. މީގެތެރެއިން އަހަރަކު ގާތްގަޑަކަށް 420،200 މީހުންގެ ފުރާނަ ގެއްލިގެންދެއެވެ.

ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި އެންމެ އާދައިގެ ބޭރަށް ހިންގުމުން ފެށިގެން ކެންސަރުފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ.

މިއަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ކާބޯތަކެތީގެ ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމާއި ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.

އަދި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް 2023 ގައި ބޭއްވި ކުރެހުން މުބާރާތައް ހުށަހެޅި ކުރެހުންތައް ހިމެނައިގެން ތައްޔާރުކޮށްފައިވާ“ ކޮފީ ޓޭބަލް އާރޓް ބުކް“ މި ރަސްމިއްޔާތުގައި ވަނީ އިފްތިތާހްކޮށްދެއްވާފައެވެ.