ކެންސަރު ފަރުވާއަށް އިތުރު ސާޖަރީއެއް ހެދުމަށް އެގްރިކަލްޗަރ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އެޑްމިޓްކޮށްފިއެވެ.
މިނިސްޓަރު ރަމީލާ ފަރުވާ ހޯއްދަވަމުން ގެންދަވަނީ، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު، ”މެޓަސްޓެޓިސް ސީރަސް ޕަޕިލަރީ ކާސިނޯމާ“އަށެވެ.
މިނިސްޓަރު ރަމީލާ މި ބައްޔަށް ފަރުވާ ހޯއްދަވާތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވެސް ރަމީލާ ގެންދެވީ ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ.
މިނިސްޓަރު ރަމީލާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުރު ސާޖަރީއެއް ހެދުމަށާއި ކީމޯތެރަޕީ އަދި އިމިއުނޯތެރަޕީއަށް އެޑްމިޓްކޮށްފައިވާ ކަމަށެވެ.
އަދި ކޮންމެ ދުވަހަކު ކުރިމަތިވާ ގޮންޖެހުންތަކަށް ގިނަ ބައެއްގެ ހެޔޮ ދުއާއާއެކު ސާބިތުވެ ހުންނެވި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ކެންސަރަށް ފަރުވާ ހޯއްދެވުމަށް މިނިސްޓަރު ރަމީލާ ރާއްޖެއިން ބޭރަށް ފުރަތަމަ ފުރާވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ.
