މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފިއެވެ.

Ads by Asuru

މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައެވެ.

ޖޫން މަހުގެ 20 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މި 1445 އަހަރުގެ ޛުލްޙިއްޖާމަހުގެ ހަނދު ސާބިތުކުރުމުގެ އުސޫލަށް ރިޢާޔަތްކުރައްވައި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ 2024 ޖޫން 7 ވީ ހުކުރު ދުވަސްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައެޅުއްވުމާ ގުޅިގެން ކުރިން ކަލަންޑަރުގައި ދުވަސްތައް ކަނޑައަޅާފައިވާ ގޮތަށް ބަދަލުއައުމާ ގުޅިގެންނެވެ.

އެގޮތުން މިހާރު އަރަފާތު ދުވަހަކީ 2024 ޖޫން 15 ވާ ހޮނިހިރު ދުވަސް ކަމަށާއި، އަދި އަޟްޙާ ޢީދު ދުވަހަކީ، 2024 ޖޫން 16 ވާ އާދީއްތަ ދުވަސް ކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ކަނޑައަޅުއްވާފައެވެ.

މި އަހަރުގެ ޙައްޖު ދުވަހާއި، އަޟްޙާ ޢީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދުވާނީ، އަޟްޙާ ޢީދުގެ މުނާސަބަތުގައި ބަންދުވާ މި ޖޫން މަހުގެ 17، 18، 19 މި ތިން ދުވަހެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން، މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ބަންދު ދުވަހެއް ކަމުގައި ބަލައިގެން، ގިނަ އަދަދެއްގެ މުވައްޒަފުން، ޢީދު ބަންދުގައި ރާއްޖެއިން ބޭރަށާއި، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ހަމަޖައްސާނެތީއާ އަދި ޢީދު ބަންދަށްފަހު، މި ޖޫން މަހުގެ 20ވަނަ ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ، ވަރަށް ގިނަ މުވައްޒަފުންނަށް ދަތިވާނެކަމަށް ފެނިވަޑައިގަންނަވާތީ، 2024 ޖޫން 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުޢިއްޒު ހަމަޖެއްސެވީއެވެ.

ރައީސް މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، 2024 ޖޫން 23 ވާ އާދީއްތަ ދުވަހުއެވެ.