ސްރީލަންކާއިން ދިވެހީންނަށް 90 ދުވަހުގެ އޮންއެރައިވަލް ވީސާ ލިބޭނެ ގޮތް ހަމަޖައްސަވަން ނިންމަވައިފިއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ލަންކާއަށް ކުރައްވަމުންގެންދާ ރަސްމީ ދަތުރުފުޅުގައި އިއްޔެ އެ ގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަންއާ ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ ސްރީލަންކާގައި އޮން އެރައިވަލް ވިސާ ދިނުމުގެ އުސޫލަށް ދާދިފަހުން ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެފައިވާ ދަތިތައް ޙިއްސާ ކުރައްވާފައެވެ.
އަދި އެ ކަމަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އަދި ސްރީލަންކާގައި ތައުލީމު ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުންނާއި އާއިލާތަކަށް ވެސް ވިސާ ހޯދުމުގައި މިހާރު ދިމާވާ ދަތިތައް ވެސް ފާހަގަކުރެއްވިއެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރ އޮފް ޕަބްލިކް ސެކިޔުރިޓީ ޓިރަން އަލެސް ވަނީ ދެ ޤައުމުން ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާ އެއްގޮތަށް، އިތުރު ތަކުލީފަކާ ނުލައި، ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގު ފަހިކޮށް ދެއްވައި، އެކަން ލިޔުމުން ޔަޤީން ކޮށްދެއްވާފައެވެ.
އަދި ސްރީލަންކާގައި ތަޢުލީމު ޙާސިލްކުރަމުންދާ ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ދައްކަންޖެހޭ ވިސާ ފީ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ޕަބްލިކް ސެކިޔުރިޓީ ދެއްވިއެވެ.
