މީހުން ޙައްޖަށް ގެންދަން ޒަކާތު ފަންޑުން އެއްވެސް ޚަރަދެއް ކޮށްފައި ނުވާނެ ކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި ފަގީރުންގް ހައްޖަށް ގެންދާތީ އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަމުން ގެންދާތީއެވެ. ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު ވިދާޅުވީ، ނިކަމެތިން ޙައްޖަށް ފޮނުވުމަށް ބައިތުލްމާލުން ނުވަތަ ޒަކާތު ފައިސާ އިން ޚަރަދުކޮށްގެން ނުވާނެ ކަމަށެވެ.

މިފަދަ ވާހަކަތަކަށް ރައްދު ދެއްވައި، މިނިސްޓަރު ޕީއެސްއެމްއަށް ވިދާޅުވީ، މިކަމާ ގުޅިގެން ނަފުރަތު އުފެދޭ ވާހަކަތައް ދައްކާ ކަމަށެވެ.

”މި މީހުން ހައްޖަށް ފޮނުވަނީ ޒަކާތުގެ ފައިސާއިންނޭ. މިއީ ހައްޖު ވާޖިބުނުވާ ބަޔަކަށް ހައްޖުގެ ކިޔު ސިސްޓަމްގެ ތެރެއިން ނާޖާއިޒް ގޮތުގައި ޖާގަ ހޯދައި ދިނިއްޔޭ. މި ގޮތަށް ވާހަކަތައް ފަތުރަމުން ދަނީ،“ ޝަހީމް ވިދާޅުވިއެވެ.

މިފަދަ އެއްވެސް ކަމެއް ނުހިނގާއިރު، ޒަކާތުގެ ފައިސާއިން ފަގީރުން ޙައްޖަށް ހޭދަކުރުމަކީ ޝަރުޢީ ގޮތުން މައްސަލައެއް ނޫން ކަމަށާއި، ސަރުކާރުން މިކަން ކުރަނީ ދައުލަތުގެ ޚަރަދުގައި ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭއިރު، ސަރުކާރުގެ ޚަރަދުގައި ނިކަމެތިން ޙައްޖަށް ފޮނުވުމަކީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅު ފުއްދެވުމަށްޓަކައި، މި އަހަރު ޙައްޖަށް ފޮނުވާ 50 މީހުން އިއްޔެ ވަނީ ފުރާފައެވެ.

މިނިސްޓަރު ޝަހީމް ރޭ ވިދާޅުވީ، އިއްޔެ ޙައްޖަށް ދިޔުމަށް ފުރި، ހުރިހައި ޙާޖީންގެ ޙާލު ވެސް ރަނގަޅު ކަމަށެވެ.