ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރަން އެންޓ-ިސްކޭމް ސެންޓަރެއް ޤާއިމު ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Asuru

ފުލުހުންގެ ފަރާތުން މިކަން ހާމަ ކުރީ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ ގުޅޭ ގޮތުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު ޝިފާންއެވެ.

ސްކޭމްގެ ކުށްތައް ގިނަވެ، އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑު ކަމަށް ޝިފާން ވިދާޅުވިއެވެ.

މިއީ އަލަށް ކުރާ ކަމެއް ނޫން ކަމަށާއި، މި ކޮންސެޕްޓަށް ދުނިޔޭގައި މިހާރު ވެސް ޢަމަލު ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

”އެހެންވެ އަޅުގަނޑުމެން އެބަ އެސްޓަބްލިޝްކުރަން ވަރަށް އަވަހަށް މި ސްޓްރެޓީޖިކް ޕްލޭންގެ ތެރެއިން އެންޓި ސްކޭމް ސެންޓަރެއް،“ ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ އެ ސެންޓަރު ޤާއިމުކުރެވުމުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ހުށަހެޅޭ ސްކޭމްގެ މައްސަލައެއްގައި ވެސް ފުރަތަމަ ރެސްޕޮންސް ދޭނީ އެ ސެންޓަރުން ކަމަށެވެ.

އަދި ސްކޭމްއެއްގައި ވިކްޓިމްއަކަށް ވެފައިވާ މީހަކު އިތުރަށް ވިކްޓިމައިޒް ނުވާނެ ގޮތަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވަގުތުން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިފާން އިތުރަށް ވިދާޅުވީ ސްކޭމްތަކުގެ މައްސަލަތަކުގެ ރެކޯޑް ފުލުހުން ބަލަހައްޓަން ފެށި ފަހުން މިހައިތަނަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށް ވުރެ އިތުރު ކަމަށެވެ.