އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ވަޑައިގަންނަވާތީ، އިންޑިއާގެ މީޑިއާގެ ސަމާލުކަން އެ ދަތުރުފުޅަށް ލިބިއްޖެއެވެ.

Ads by Asuru

ތިން ވަނަ ދައުރަކަށް މޯދީ ހުވާ ކުރައްވަވާ ރަސްމިއްޔާތަށް، ރައީީސް މުޢިއްޒު މިރޭ ފުރާވަޑައިގަންނަވާނެއެވެ.

ރައީސް މުޢިއްޒު އަށް މަރުހަބާ ކިޔުމަށް ހަރުކޮށްފައި ހުރި ބޯޑެއްގެ ފޮޓޯއަކާ އެކު އިންޑިއާގެ މަޝްހޫރު އެންޑީޓީވީގެ ވެބްސައިޓުގައި ބުނެފައިވަނީ، އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔުމަށް އެ ޤައުމު ތައްޔާރު ކަމަށެވެ. އެންޑީޓީވީން މިހެން ބުނިއިރު، މޯދީ އާއި ރައީސް މުޢިއްޒުގެ ފޮޓޯފުޅާ އެކު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބޭރުގައި ހަރުކޮށްފައި ހުރި ބޯޑުގައި ”އިންޑިއާ އަށް މަރުހަބާ“ މިހެން ލިޔެފައިވެއެވެ.

ރައީީސް މުޢިއްޒުއަށް މަރުހަބާ ކިޔަން ބަހައްޓާފައިވާ ބޯޑެއް

އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އަލުން ބަދަހިވެގެންދާނެ ކަމެއް ކަމަށްވެސް އެންޑީޓީވީން ބުނެފައިވެއެވެ.

އިންޑިއާގެ ”ޒީ ބިޒްނަސް“ ނޫހުގައި ވެސް ބުނެފައިވަނީ، މިއީ ހީނަރުވެފައިވާ ރާއްޖެ-އިންޑިއާގެ ގުޅުން ރަނގަޅު ކުރާނެ ފެށުމަކަށް ވެގެންދާނެ ކަމަށެވެ.

މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ މި ދަތުރުފުޅުން، ދެ ޤައުމުގެ ގުޅުން ކުރިޔަށް ދަނީ ރަނގަޅު މިސްރާބަށްކަން ރަމްޒު ކޮށްދޭ ކަމުގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.