ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާ، އެކަނޑުތަކުގެ ޤުދުރަތީ ނަލަކަމާ، އެކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ، ދިވެހީންގެ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުއްމީދުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

މިއަހަރުގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ގިނަ ޙަރަކާތްތަކެއް އަންނަނީ ކުރިޔަށްގެންދަމުންނެވެ. އެގޮތުން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުއިޒް މުބާރާތެއް ކުރިޔަށްގެންދިއުމާއި ”ކަނޑުފަޅަށް ލޯ ހުޅުވަމާ“ގެ ނަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މައުލޫމާތު ސެޝަނެއް ކުރިޔަށްގެންދިއުމާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ”ޑިސްކަވާ ޑައިވް“ ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމާއި ”އެންމެން މޫދަށް“ގެ ނަމުގައި މޫދަށް އެރުމުގެ ހަރަކާތެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިޔަށްގެންގޮސްފައިވެއެވެ.

އަދި ”ކަނޑުރޯދި އުފާ ފެސްޓިވަލް“ގެ ނަމުގައި ހުޅުމާލޭގައި ކުރިޔަށްގެންދާ ހަރަކާތާއި މި ނޫންވެސް މިދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިޔަށްގެންދާ އެކިއެކި ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ތީމަކީ ”ކަނޑުތަކާއި މޫސުމަށް ހެޔޮ ބަދަލުގެނައުމުގެ މަސައްކަތް ހަލުވިކުރުން“ މިއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހެވެ.