އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އިންޑިއާއަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

Ads by Asuru

ރައީސް އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އިންޑިއާއަށް ކުރައްވާ މި ދަތުފުޅަކީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައި ވަނީ މި ޖޫންމަހުގެ ނުވައެއް ވާ އާދިއްތަ ދުވަހުއެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ، އެމަނިކުފާނު 2023 ނޮވެންބަރު 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.