ސަރުކާރު ނުވަތަ އެހެން މީހެއްގެ އެހީގައި ވިޔަސް، މީހަކު ކުރާ ޙައްޖަކީ 100 ޕަސެންޓް ރަނގަޅު ޙައްޖެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި 50 މީހުން ޙައްޖަށް ފޮނުވުމުން، ބައެއް ދީނީ ޢިލްމުވެރިން އެކަމަށް ފާޑުވިދާޅުވަމުން ގެންދަވާތީއެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރަކީ ރައްޔިތުންގެ ބެލެނިވެރި ފަރާތް ކަމަށާއި، ސަރުކާރުގައި ހުންނާނީ ރައްޔިތުންގެ ފައިސާ ކަމަށެވެ.
”ފަޤީރަކަށް ވިޔަސް، އަދި ފަޤީރަކަށް ނުވިޔަސް، ސަރުކާރު ނުވަތަ އެހެން މީހެއްގެ އެހީގައި ކުރާ ޙައްޖަކީ 100 ޕަސެންޓް ރަނގަޅު ޙައްޖެއް. މި ދައްކަނީ ސިޔާސީ ވާހަކައެއް ނޫން، ދީނީ ވާހަކައެއް.“ މިނިސްޓަރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، ސަރުކާރުގެ ޚަރަދުގައި އަހަރަކު 40 މީހުން ޙައްޖުގެ އަޅުކަން އަދާކުރަން ފޮނުވާ ކަމަށާއި، ސަޢޫދީޢަރަބިޔާ އިން ވެސް، ކޮންމެ ޤައުމަކުން ވެސް މީހުން ގެންދާ ކަމަށެވެ. ސަޢޫދީ ސަރުކާރުގެ ޚަރަދުގައި މި އަހަރު ރާއްޖެއިން ވެސް މީހުން ޙައްޖަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސަޢޫދީ ސަރުކާރުގެ އެހީގައި، މި އަހަރު ފަލަސްޠީނުގެ މީހުން ވެސް ޙައްޖަށް ދާ ކަމަށެވެ.
”އެ މީހުން އެދޭ ފަތުވާގެ އަސާސެއް ނެތް ކަމަކީ، އެ ބުނަނީ އަމިއްލަ މީހަކުގެ އެހީގައި ވެއްޖެއްޔާ ޙައްޖު ޙަލާލު ވާނެޔޯ. ސަރުކާރުގެ އެހީގައި ވެއްޖެއްޔާ ޙައްޖު ކަމަކު ނުދާނެޔޯ. އެކަމަކު ބައިތުލްމާލުގައި ރައްޔިތުންގެ ޙައްޤު އޮތީ.“ ސަރުކާރުގެ އެހީގައި ކުރާ ޙައްޖު ކަމު ނުދާނެ ކަމަށް ވިދާޅުވާ ބައެއް ދީނީ ޢިލްމުވެރިންނަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ، ސަރުކާރުގެ ޚަރަދުގައި ކުރާ ޙައްޖު ވެސް ޞައްޙަ ވާނެ ކަމަށް ސަޢޫދީޢަރަބިޔާގެ ދަންނަބޭކަލުން ފަތުވާ ނެރުއްވާފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ.
