އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރައްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ޤައުމަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅަކީ ޚާއްޞަ، އަދި ތާރީޚީ ދަތުރުފުޅެކެވެ.

Ads by Asuru

މިއީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައި އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ އަވަށްޓެރި އިންޑިއާއާއި ރާއްޖޭގެ ގުޅުން، ރައީސް މުޢިއްޒުގެ ޒައާމަތުގައި ބަދަހިވެގެންދާނެކަމުގެ އަލިގަދަ ހެއްކެއްވެސް މެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި

އެއްވެސް ޤައުމަކާމެދު ހަސަދަވެރިކަން ނުބާއްވަވާނެ ކަމަށާއި، ހަމަހަމަ ވާނެ ކަމަށް ރައީީސް ވިދާޅުވެފައިވޭ

ރާއްޖެއަކީ ޒަމާނުއްސުރެ، ހުރިހާ ޤައުމަކާއިއެކު ވެސް، ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. ވަކިން ޚާއްޞަކޮށް، އަވަށްޓެރި އިންޑިއާ އަކީ ދިވެހީންގެ ޒަމާންވީ މިތުރެކެވެ. އެކި ކަންކަމުގައި ދިވެހީން އިންޑިއާއަށް ބަރޯސާވެއެވެ. ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ދިވެހީން އެންމެ ގިނައިން ދަތުރު ކުރަނީ ވެސް އެ ޤައުމަށެވެ. އެހެންވެ، މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންވެސް، އިންޑިއާއާއި ގާތް ގުޅުމެއް ބޭއްވެވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި މައްސަލައިގައި، އިންޑިއާ-ރާއްޖޭގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވެފައިވަނިކޮށް، ޙިކުމަތްތެރި ކަމާއިއެކު، މަޝްވަރާގެ ރިވެތި އުޞޫލުން، އިންޑިއާ ސިފައިން ފޮނުވާލައްވައި ރައީސް މުޢިއްޒު ހާމަކޮށްދެއްވީ ދިވެހީންގެ މަސްލަހަތަށް އެމަނިކުފާނު އިސްކަން ދެއްވާ މިންވަރެވެ. އެމަނިކުފާނު ގެންގުޅުއްވަނީ ”ޕްރޯ މޯލްޑިވްސް“ ނުވަތަ ދިވެހިރާއްޖެއަށް އިސްކަން ދެއްވާ ސިޔާސަތު ކަމެވެ. ދިވެހީން ބޭނުންވި ގޮތަށް، އިންޑިއާ ސިފައިން ފޮނުވާލެއްވުމަށްފަހު ވެސް، އަވަށްޓެރިއެއްގެ ގޮތުގައިވާ، އިންޑިއާއާ ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތް ކުރެއްވުމަކީ ރައީީސް މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ކާމިޔާބުކަން ސާބިތުކޮށްދޭ ކަމެކެވެ.

ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ރައީސް މުޢިއްޒު ވަނީ، މިނިވަން އަދި ހުރިހާ ޤައުމުތަކެއްގެ މެދުގައި ހަމަހަމަކަން ޤާއިމްކުރާނެ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހުގައި ވެސް، މިމޭރުމުން ވާހަކަފުޅު ދެއްކެވިއެވެ.

”ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް. އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް. ފުރަތަމަޔަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް. އަޅުގަނޑު ޤައުމުތަކާ ރަޙްމަތްތެރިވާނަން. ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނަން.“ ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ރައީީސް ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ރައީސް ދެއްވާ ޖާފަތުގައި، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ވަކި ޤައުމަކަށް އެކަނި ބަރޯސާ ނުވާނެ ޚާރިޖީ ސިޔާސަތެއް

ރައީީސް މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ދުވަސްވަރު، ފާޑުކިޔާ ފަރާތްތަކުން ދައްކަމުންދިޔަ އެއް ވާހަކަ އަކީ، އައު ސަރުކާރަކީ ”ޕްރޯ ޗައިނާ“ ސަރުކާރެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އެގޮތަށް މަންޒަރު ދެއްކުމަށް ކުރި މަސައްކަތާއިއެކު، ބޭރުގެ ބައެއް މީޑިއާތަކުން ރައީސް މުޢިއްޒު އަކީ ”ޕްރޯ ޗައިނާ“ ބޭފުޅެއްގެ ގޮތުގައި ސިފަކުރިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި، ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވެ، ދިވެހީންގެ ޒަމާންވީ ގާތް ރަޙްމަތްތެރިޔާ ގެއްލިދާނެ ކަމަށް ވެސް ބަޔަކު ބުނަމުންދިޔައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުން ޗައިނާއަށް މާބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި، ސަރުކާރު ”ޗައިނާގެ އުނގަށް“ ވެއްޓޭނެ ކަމަށް ވެސް ބުނަމުންދިޔައެވެ.

ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން

ނަމަވެސް ރައީސް މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ފެނިގެން މިދަނީ، ހުރިހާ ޤައުމަކާއިއެކު ވެސް ގާތް ގުޅުމެއް ބާއްވަވާ، ރާއްޖެއަށް އެންމެ ފައިދާ ކުރުވަނިވި ސިޔާސަތެއްގެ ގޮތުގައެވެ. ހުރިހާ ޤައުމަކާއިއެކުވެސް ގާތް ގުޅުމެއް ބޭއްވުމަކީ ޚާރިޖީ ސިޔާސަތުގެ މިނިވަންކަން އޮތްކަން ވެސް އަންގައިދޭ ކަމެއް މެއެވެ. ވަކި ޤައުމެއްގެ ރުހުން ހޯދުމަށް އެހެން ޤައުމަކަށް ބަދުބަސް ބުނަން ޖެހޭ ހާލަތަށް ދިއުމަކީ މިނިވަންކަން ނެތުމެވެ. ރައީސް މުޢިއްޒުއަށް އެފަދަ ފިއްތުމެއް އޮތް މަންޒަރެއް ނުފެނެއެވެ.

އެމަނިކުފާނަށް އެންމެ މުހިންމީ ޤައުމީ މަސްލަހަތު ހިމާޔަތް ކުރުންކަން ރައީސް އެ ގެންދަވަނީ ހާމަކޮށްދެއްވަމުންނެވެ.

ަ