ގުޅުން ދެމިއޮތުމަށް އިންޑިއާ-ރާއްޖެ އެދޭ މިންވަރު ފެނިއްޖެ: ޝަހީމް
ގުޅުން ދެމިއޮތުމަށް އިންޑިއާ އާއި ރާއްޖެއިން އެދޭ މިންވަރު ފެނިގެން ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢުދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އައު ސަރުކާރަށް މަރުޙަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވުމަކީ ޙިކުމަތްތެރި، ހަރުދަނާ ނިންމެވުމެއް ކަމަށެވެ.

އެކަމުން ރަމްޒުކޮށްދެނީ މި ދެ ޤައުމުގެ ތާރީޚީ އިސްތިރާޖީ ގުޅުން ދެމިއޮތުމަށް ދެފަރާތުން ވެސް އެދޭ މިންވަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމަށް ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ގައުމުތަކުގެ ވެރިންގެ ތެރޭގައި ރައީސް މުޢިއްޒު ވެސް ހިމެނިވަޑައިގަންނަވައެވެ.

އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އާ ވަކިން ވެސް ބައްދަލުކުރައްވާފައެވެ.