ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
އިމިގްރޭޝަނުން އެ ފައިސާ ހަވާލުކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާއެވެ.
މިއީ އިމިގްރޭޝަންގެ މުވައްޒަފުން ގުޅިގެން މުވައްޒަފުންގެ މުސާރައިން ކޮށްފައިވާ ދީލަތި އެހީއެކެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ފަންޑް ރެއިޒްކުރުމުގެ ގިނަ ހަރަކާތްތަކެއް ރާއްޖޭގައި މީގެކުރިން ވެސް ވަނީ ހިންގާފައެވެ. ޔަހޫދީން ފަލަސްތީނަށް ހަމަލާތައް ދޭން ފެށީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. މި ހަމަލާތައް ދޭން ފެށި ފަހުން، ފަލަސްތީނުގެ 37000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ސަރުކާރުން ދާދިފަހުން ވަނީ ނިންމާފަ އެވެ. އެކަން ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލާފައިވާ އިރު، އެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ބަންޑާރަ ނައިބާއި ޓޫރިޒަމް މިނިސްޓާއި އިސްލާމިކް މިނިސްޓަރެވެ.
އެންމެފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ”ފަލަސްތީނާ އެކު ދިވެހިން“ މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ވެސް ނިންމާފައިވެ އެވެ. އަދި މުޅި ރާއްޖެގައި ފަންޑްރެއިޒިން ހަރަކާތެއް ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.
މީގެއިތުރުން ފަލަސްތީނާއި އިޒްރޭލުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭ ކަންކަން ދެނެގަތުމަށް ސްޕެޝިއަލް އެންވޯއިއެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމާފަ އެވެ. އޭގެ އިތުރަށް، ރާއްޖެއިން އިސްނަގައިގެން ފަލަސްޠީނުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ނިންމި އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 36،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.
