ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރަމުން ވެސް، ދޭދޭ ޤައުމުތަކުގެ ގުޅުން ވަރުގަދަ ކުރެވިދާނެކަން ރާއްޖެއިން ދައްކަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙުމަދު އަޒާން ވިދާޅުވެއްޖެއެވެ.

Ads by Asuru

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ދައުރަކަށް ހުވައި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު، އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާއިރު، މި ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ވަނީ މޯދީއާއި ވަކިންވެސް ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގެ ފޮޓޯއެއް ހިއްސާ ކުރައްވައި އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އަކީ އަބަދުވެސް ރާއްޖެއާއި ވަރަށް ގާތް އަވަށްޓެރިއެއް ކަމަށެވެ. އަދި މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރަމުން ވެސް ޤައުމުތަކާއިއެކު ވަރުގަދަ ގުޅުމެއް ބޭއްވިދާނެކަން ދައްކައިދެމުންދާ ކަމަށް އަޒާން ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި އިންޑިއާ ސިފައިން ތިއްބެވެ. އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ސިފައިން ވަނީ އަނބުރާ އިންޑިއާއަށް ފޮނުވައިލައްވައިފައެވެ.