ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިންޑިއާގައި އިއްޔެ އެކުލަވައިލި އައު ސަރުކާރުގެ ޔޫނިއަން މިނިސްޓަރު ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިއާގެ ޔޫނިއަން މިނިސްޓަރު މަޝްވަރާކުރެއްވިއެވެ.
އަދި އެއްޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުމާއި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމްގެ މުހިންމުކަން ފާހަގަކުރައްވާ، ރާއްޖެއާއި އިންޑިއާއިން ދެ ޤައުމުގެ މެދުގައި މިއޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ދެބޭފުޅުންވެސް ފާޅުކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވައި، އިންޑިއާއިން ޒަމާނުއްސުރެ ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ޚާއްޞަގޮތެއްގައި ފާހަގަކުރައްވައިފައެވެ.
އަދި ބޮޑުވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތާއި، އިންޑިއާގެ ރައީސް ދެއްވެވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވެފައެވެ.
އިންޑިއާގެ ބޮޑުވަޒީރާއި އައު ސަރުކާރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ދަޢުވަތު ޤަބޫލުކުރައްވާ، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތުމުން އިންޑިއާގެ ޔޫނިއަން މިނިސްޓަރު ވަނީ، އެކަމަށް ވަރަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ޔޫނިއަން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ކުރިމަގުގައި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބޮޑުވަޒީރުކަމުގެ ނިމިދިޔަ ދައުރުގައި ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒްގެ މަގާމު އަދާކުރައްވާފައެވެ. އަދި އެ މަޤާމުގައި ޚިދުމަތްކުރެއްވި ދުވަސްތަކުގައި ރާއްޖެއާ ވަރަށް ގާތްގުޅުމެއް އެމަނިކުފާނުވަނީ ދަމަހައްޓަވައިފައެވެ.
