ތަފާތު ގިނަ ހަރަކާތްތަކާއެކު މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ތައްޔާރީތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

Ads by Asuru

”މައި ހުޅުމާލެ ޢީދު އުފާ ޕަވަރޑް ބައި ދިރާގު“ ނަމުގައި ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތަކީ، ދިވެހިންގެ މުއްސަނދި ސަޤާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކާއެކު ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.

މި ހަރަކާތުގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި ހަމަ ޖެހިފައިވަނީ ދިރާގެވެ. އަދި ގޯލްޑް ސްޕޮންސަރގެ ގޮތުގައި ޝީޝާ މޯލްޑިވްސްއެވެ.

އަޟްޙާ އީދުގެ ފޯރިގަދަ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 15 ޖޫން ވާ ދުވަހުގެ ރޭގަނޑު، އީދު ވެދުމާދިމުގެ ފޯރިގަދަ ހަރަކާތުންނެވެ.

އަދި ހުޅުމާލޭގައި މި އަހަރު އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވަނީ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް އަދި ފޭސް 2ގެ ކްރިކެޓްސްޓޭޑިއަމްގައެވެ.

އަދި ޢީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކުގައި ދިރާގު ޢީދު ބޮނޑިބަތް އޮންނާނެއެވެ.

މީގެ އިތުރުން، 16 އަދި 17 ޖޫން ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޢީދުގެ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި، ދިވެހީންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުން، މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ހިމެނެއެވެ. އަދި މި ޢީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިޔަށްދާނެއެވެ.

ހަމަ މިއާއެކު، ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދޭ ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވާނެ އެއް ހަރަކާތެވެ.

މީގެ އިތުރުން މި ޢީދު ހަރަކާތްތަކުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސް ގެ ފަރާތުން 160 ސީސީ އެއަރ ބްލޭޑް ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށްގެންދާ ”މައި ހުޅުމާލެ ޢީދު އުފާ“ އާ އެކު މިއަހަރުގެ އަޟްހާ ޢީދު ވެގެންދާނީ ވަރަށް ފޯރިގަދަ ޢީދަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.