ތައިލެންޑުގައި އުފައްދާ 15 ބާވަތެއްގެ ބޭހެއްގައި ކެމިކަލްގެ ބާވަތެއް އެކުލެވިގެންވާކަން އެޤައުމުގެ އިދާރާތަކުން ހާމަ ކުރުމާއިއެކު، އެފަދަ ބޭސް ގަތުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އެދިއްޖެއެވެ.
އެމްއެފްޑީއޭއިން ނެރެފައިވާ އެލަރޓެއްގައި ބުނީ، ތައިލެންޑުގެ ކުންފުންޏެއްކަމުގައިވާ ސެވަން ސްޓަރސް ފާމަސޫޓިކަލް ކޯޕަރޭޝަން ލިމިޓެޑުން އުފައްދާ 15 ބާވަތެއްގެ ބޭސް އުފެއްދުމުގައި ކެމިކަލްގެ މާއްދާއެއް އެކުލެވިފައިވާތީ އެޤައުމުގެ ބޭސް ރެގިއުލޭޓްކުރާ އިދާރާއިން އެބޭސްތައް ބާޒާރުން އަނބުރާ ނެގުމަށް އަންގާފައިވާކަމަށެވެ.
މައްސަލަ ދިމާވެފައިވާ ބޭސްތަކުގެ ތެރޭގައި އެކުންފުނިން އުފައްދާ ބައެއް ބާވަތުގެ ތަދުކަނޑުވާ ދިޔާ ބޭސްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޕެރަސެޓަމޯލްއާއި ބުރޫފަން ފަދަ ބޭސްތައް ވެސް ހިމެނެއެވެ.
އަދި އެލަރޖީތަޖަށް ދޭ ބައެއް ދިޔާ ބޭސްވެސް މީގެ ތެރޭގައި ހިމެނެއެެވެ. މީގެ އިތުރުން ހުމާއި ރޯގާއަށާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ބޭނުންކުރާ ބޭސްތަކެއް ހިމެނޭކަން އެމްއެފްޑީއޭއިން އާންމުކޮށްފައިވާ ލިސްޓުން ހާމަވެއެވެ.
އެހެންކަމުން ތައިލެންޑުން ބޭސްފަރުވާ ކުރުމުގައި މިފަދަ ބޭސްތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އެދެއެވެ.
އެއިދާރާއިން ބުނީ، މިއީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮތް ބޭސްތަކެއް ނޫންނަމަވެސް، އެލަރޓާއި ގުޅިގެން ރާއްޖޭގެ ޕޯޓުތަކުގައި ޚާއްސަ ސަމާލުކަމެއްދީގެން ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ.
ބޭނުން ނުކުރުމަށް އެންގި ބޭސްތައް:
1. ޑޮމްޕާސްޓާ ސަސްޕެންޝަން
2. ކޯ ޓްރިމެކްޒޯލް މިކްސްޗާ
3. ކްރެސްބުފެން ސަސްޕެންޝަން
4. ކްރެސްޓްރިމް ސަސްޕެންޝަން
5. ކްރެސްޓެކް ސިރަޕް
6. ކްރެސްކޯލެޓް ސިރަޕް
7. ސެޓަފެން ސިރަޕް
8. ފޭޓެކް ސިރަޕް
9. ކާބޮސޯލް ސިރަޕް
10. ސްޓާޓެކް ސިރަޕް
11. ކްރެސްބްރޮކްޒޯލް ސިރަޕް
12. ސްޓާޓިފިން ސިރަޕް
13. އިބުސްޓާ ސަސްޕެންޝަން
14. ޑޮމްޕާކްރެސް ސިރަޕް
15. ޕެރެސްޓާ
