ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ފަލަސްތީނަށް އެހީތެރިވުމަށް ޚާއްޞަ ޓެލެތޯންއެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން ކުރިއަށްގެންދާ ”ފަލަަސްތީނާއެކު ދިވެހިން“ ޓެލެތޯން ފެށުމުގެ ރަަސްމިއްޔާތު މިއަދު ހެނދުނު ޓީވީއެމްގެ ސްޓޫޑިއޯގައި ކުރިއަށްގެންގޮސްފައިވެއެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ޓީވީއެމްގައި ބަހައްޓާފައިވާ ފަންޑް ފޮއްޓަށް ރައީސުލްޖުމްހޫރިއްޔާ، އަދި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދާއި، ސަރުކާރުގެ އިސް ވެރިން ވެސް ފައިސާ ހަދިޔާ ކުރެއްވިއެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ފަލަސްޠީނަށް އެހީވުމަށް ހުޅުވި ފަންޑު ފޮއްޓަށް ފައިސާ ދެއްވަނީ- ފޮޓޯ: ރައީސް އޮފީސް

މިގޮތުން ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން، މަޖިލީސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ވަޒީރުންނާއި، ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި، މެނޭޖިންގ ޑިރެކްޓަރުންގެ އިތުރުން، ޗެއާމުންވެސް ވަނީ ފަންޑް ފޮއްޓަށް ފައިސާ ހަދިޔާ ކުރައްވައިފައެވެ.

ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން، ރާއްޖޭގައި މީގެ ކުރިން ވެސް ފަންޑު އިތުރު ކުރުމުގެ ހަރަކާތްތައް ހިންގިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސް ބޭފުޅުން މިފަދަ ކަމެއްގައި އިސްކޮށް އުޅުއްވި މަންޒަރު ފެނިފައެއް ނުވެއެވެ.