ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ޓަވަރުތަކުގެ އެކްސެސް ޓެގް ދޫކުރަން ފަށައިފިއެވެ.
އެގޮތުން ޓެގް ދޫކުރާނީ މިއަދާއި މާދަމާގެ ހެނދުނު 10:00 އިން ހަވީރު 6:00 އާ ދެމެދު، ވިނަރެސް 10 ގެ މެނޭޖްމަންޓް އޮފީހުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މަޢުލޫމާތު ދީފައެވެ.
ކީ ޓެގް ދޫކުރާނީ ހަމައެކަނި އެޕާޓްމަންޓްގެ ވެރިފަރާތަށް ނުވަތަ ކޯއެޕްލިކަންޓް އަށެވެ. ޓެގާއި ހަވާލުވާން ދުރުވާއިރު ވެރިފަރާތުގެ އައިޑީކާޑު ކޮޕީ، އަދި ކޯ އެޕްލިކެންޓް ދުރުވާނަމަ ދެބޭފުޅުންގެ އައިޑީކާޑުގެ ކޮޕީ ބޭނުންވާނެއެވެ.
ވިނަރެސް ޓަވަރުތަކުގެ އެކްސެސް ކޮންޓްރޯލު ނުކޮށް މިހާރު ހުރުމުން ބޭނުން މީހަކަށް އެތަނަށް ވަދެވެއެވެ. އެހެންވެ، ވިނަރެސް ފްލެޓުތަކުގައި ނޫޅޭ ފަރާތްތައް ވެސް އެތަނަށް ވަންނާތީ އެކަމުގެ ޝަކުވާ ލިބޭ ކަމަށް އެޗްޑީސީން ބުނެއެވެ.
މިއަދު ދޫކުރާ ޓެގްތަކުން އެކްސެސް ކޮންޓްރޯލު ކުރަން ފަށާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ. އެއާއެކު ވިނަރެސް ޓަވަރުތަކަށް ދެން ވަދެވޭނީ ހަމައެކަނި ކީ ޓެގް އޮންނަ ފަރާތްތަކަށް އެކަންޏެވެ.
ވިނަރެސް ފްލެޓު ގަތް އެތައް ބަޔަކު މިހާރު އެތަންތަނުގައި ދިރިއުޅެން ފަށާފައިވާއިރު، މިއަދު ދޫކުރަންފެށި އެކްސެސް ޓެގް ދޫކޮށްފައިވާ ފަރާތްތަކަށް އެކަނި ވަދެވޭ ގޮތަށް ބަދަލުކުރުމުން އެ ފްލެޓުތަކުގެ ސެކިއުރިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ވިނަރެސްއަކީ ހުޅުމާލޭގައި އެޗްޑީސީން ހިންގި ހައުސިން މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 10 ޓަވަރު ގާއިމްކޮށްފައިވެއެވެ.
ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ މި ޓަވަރުތަކުން ގިނަ ބަޔަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވެއެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށެވެ.
