ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އެހީވުމުގެ ގޮތުން ”ފަލަސްތީނާއެކު ދިވެހިން“ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް ރީޖަނަލް އެއާޕޯޓްސް އިން އެހީތެރިވެއްޖެއެވެ.

Ads by Asuru
މި ޓެލެތޯނަށް އެ ކުންފުނިން ހަވާލުކޮށްފައި ވަނީ 312،000 ރުފިޔާއެވެ. މި ފައިސާ ކުންފުނީގެ ފަރާތުން ހަވާލުކޮށް ދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. މި ފައިސާއާ ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމީން ރަޝީދެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޕީއެސްއެމުން އިންތިޒާމުކޮށްގެން ގިނަ މީޑިއާތަކެއް ގުޅިގެން ބާއްވަމުން އަންނަ ޓެލެތޯން ފެށީ އިއްޔެ ހެނދުނު 8:00 ގައެވެ. މި ޓެލެތޯން ރޭ 12:00 އާ ހަމައަށް ކުރިއަށް ގެންދިޔައެވެ.

މި ޓެލެތޯނާ ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ޓެލެތޯންގެ ކަވަރޭޖު މިވަގުތު ނިންމާލިނަމަވެސް، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00އާއި ހަމައަށް އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އެގޮތަށް ހަމަޖެއްސީ އަދިވެސް ފައިސާ ޖަމާކުރަން ބޭނުންވާ އެތައް ބަޔަކު ތިބުމުންނެވެ.