ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ ކަނޑު އުޅަނދުތައް ނެގުމަށް އަނެއްކާވެސް ހައުސިން ޑިވޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.

Ads by Asuru

އެޗްޑީސީން ބުނީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އެ މަސައްކަތަށް ދަތިވާ ގޮތަށް ބައެއް ކަނޑު އުޅަނދު އަޅާފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އަދި މިފަދަ އުޅަނދު ތަކަކީ އާންމުކޮށް ބޭނުން ނުކޮށް ހުންނަ އުޅަނދުތައް ކަމުން އެތަކެތީގެ ވެރިފަރާތް ހޯދުމަށްވެސް ދަތިތަކާ ކުރިމަތިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ބިން ހިއްކާ ސަރަހައްދަށް ބާޖު އަދި ކޮޅުވެއްޓި ވަނުމުގެ ތެރޭގައި އުޅަނދުތަކުގައި ޖެހި އެކިވަރުގެ ގެއްލުން ލިބިފައި ވާތީ، ބިން ހިއްކުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އިތުރަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުންނާއި، އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން މި ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އިލްތިމާސް ކުރާ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި ހުޅުމާލޭގެ ފޭސް 2 ގެ ވަގުތީ ޖެޓީއަށް ފަޅުތެރެއިން ދާން އޮންނަ މަގު ހަނިވާގޮތަށް ބައެއް އުޅަނދުތައް އަޅާފައި ހުރުމުގެ ސަބަބުންނާއި، މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އުޅަނދުތަކަށް ލިބިދާނެ އިތުރު ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުން ދާކަމަށް ފާހަގަކުރެވިގެން އީޕީއޭގެ އާއްމު އިއުލާނަކުން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އަންގާފައި އޮތް އޮތުން ނިމުމަކަށް އައިސްފައިވުމާއެކު، ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް އެޗްޑީސީން ދަނީ ތައްޔާރުވަމުންނެވެ.

އެހެންކަމުން، ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު (SITE B2, SITE C) ގައި އަޅާފައި ހުރި ކަނޑު އުޅަނދުތައް ވީހާވެސް އަވަހަކަށް ނެގުމަށް އެޗްޑީސީ އިން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.


ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.