ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ މަރާލައިފައިވަނީ ސިހުރު ހަދާކަމުގެ ތުހުމަތުކޮށް ކަމުގައި ފުލުހުން ބުނެފިއެވެ.

Ads by Asuru

އެ މަރުގެ މައްސަލައިގެ ތަހުގީގުގައި ނައިމާ ސިހުރު ހަދާ ކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން އިއްޔެވބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ސާމިހު ވިދާޅުވީ ނަޢީމާގެ މަރުގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެ މީހުންގެ މައްޗަށް ދަޢުވާކޮށް، މިހާރު ޝަރީޢަތް ފެށިފައިވާ ކަމަށެވެ.

ސާމިހު ވިދާޅުވީ އެ މީހުން، ނަޢީމާ މަރައިލައިފައިވަނީ ރަށު ތެރޭގައި އޭނާ ސިހުރު ހަދާ ކަމަށް ވާހަކަ ދެކެވޭތީ، ކޮންމެވެސް ކަމެއްގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

”ނައީމާ މޫސާއަކީ ސިހުރު ހަދާ މީހެއްކަން ތަހުގީގަށް އަދި މިހާތަނަށް ނެތޭ ފެނިފައެއް ނުވަތަ އެ ވަރުގެ ހެއްކެއް ނެތޭ އަޅުގަނޑުމެންނަށް ފެނިފައެއް. އެހެން ނަމަވެސް މޯޓިވް އަކީ އެއް މޯޓިވްއެއް. ކުރިން ވެސް ފާހަގަކުރި ގޮތަށް ނަޢީމާ މޫސާއަކީ ފަންޑިތަ ސިހުރު ހަދާ މީހެއްގެ ގޮތުގައި ބަޔަކަށް ޤަބޫލުކުރެވިގެން އެކަމުގެ ބަދަލެއް ހިފުމުގެ ގޮތުން ކޮށްފައި އޮތް ކަމެއް.“ ސާމިހު ވިދާޅުވިއެވެ.

ނަޢީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި އެ ރަށުގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ، އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ)އެވެ.

އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނަޢީމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ.