ދަންވަރު ފެށި ދަތުރާއެކު ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ މިނާ ޓެންޓުތަކުގައި ކަމުގައި ދިވެހި ޙައްޖު މިޝަނުން ބުނެފިއެވެ.
އެ މިޝަނުން މިއަދު ހެނދުނު މީސްމީޑިއާގައި ކުރި ޕޯސްޓުތަކެއްގައި ބުނެފައިވަނީ ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް އާންމުގޮތެއްގައި ރަނގަޅު ކަމަށެވެ.
މިނާއަށް ދަތުރު ފެށުމުގެ ކުރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ އިބްރާހީމް ޙަސަން ވިދާޅުވީ ޙައްޖުވެރިންގެ ޞިއްޙީ ހާލަތު އެވްރެޖްކޮށް ރަނގަޅު ކަމަށެވެ.
އަދި މިވަގުތު ހޮސްޕިޓަލުގަ އެއްވެސް ޙައްޖުވެރިއަކު އެނދުމަތި ކުރެވިފައި ނެތް ކަމަށްވެސް މަޢުލޫމާތު ދީފައިވެއެވެ.
މި އަހަރު، ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ހާހަކަށްވުރެ ގިނަ މީހުން ޙައްޖުގެ މާތް އަޅުކަން އަދާ ކުރުމަށް ދިޔައިރު، އޭގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދިޔަ 50 މީހުން ވެސް ހިމެނެއެވެ.

