ކުރީ ސަރުކާރުގައި، ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށް އޮތް ތިން އަހަރަށް ވެހިކަލްތަކެއް ރަޖިސްޓްރީކޮށްދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

Ads by Asuru

އިއްޔެ ބޭއްވި ނޫސްވެރިންގެ ކޮންފްރެންސްގައި އެމްއޭސީއެލްއިން ވަގަށް ނަގާފައިވާ ވެހިކަލް ހޯދުމަށް ހިންގި ތަހުގީގާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރައްވަމުން، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވީ، އެމްއޭސީއެލްގެ ވެހިކަލް ހޯދުމަށް ހިންގި ތަހުގީގުގެ ތެރެއިން މާލޭގެ ގެއެއްގެ ގަރާޖު ބެލުމުން އެ ވެހިކަލް ފެނިފައިވާ ކަމަށެވެ.

އަދި އިމިގްރޭޝަނުން ގެއްލިގެން ރިޕޯޓް ކުރި ވެހިކަލް ވެސް އެ ގަރާޖު ތެރެއިން ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގަރާޖުގެ ވެރިފަރާތް އެތަނަށް ހާޒިރުކޮށް، އިތުރަށް ބެލިބެލުމުން ގިނަ ކަންތައްތަކެއް ތަހުގީގަށް ފާހަގަވެގެންދިޔަ ކަމަށާއި، މައްސަލައިގައި ހިމެނޭ މ. މޮޑެންޕޮއިންޓް، އަހުމަދު ނިޒާމް (43އ) ގެ ނަންމަތީގައި 100 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 ވެހިކަލް ހިމެނޭއިރު، ނިޒާމުގެ އަންހެނުންގެ ނަމުގައި 42 ވެހިކަލް ހިމެނެއެވެ.

ދާއޫދު ވިދާޅުވީ، 86 ވެހިކަލް ރަޖިސްޓްރީ ކުރާއިރު، މާލޭގައި 86 ގަރާޖު ސިޓީ އޮންނަން ޖެހޭކަން ގަބޫލު ކުރައްވާ ކަމަށެވެ.

އެހެންވެ، އެކަން އިތުރަށް ބެލުމުން، ކުރިއަށް އޮތް އަހަރުތަކަށް ވެސް ވެހިކަލް ރަޖިސްޓްރީކޮށްދީފައިވާކަން އެނގުނު ކަމަށް ދާއޫދު ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން މި ޖަރީމާ ހިންގުމުގައި ތިބި ބަޔަކު ހޯދާ ފިޔަވަޅު އެޅުމުގެ ތަހުގީގު ފުލުހުން ކުރަމުން އަންނަ ކަމަށެވެ.