މި އަހަރުގެ ޢަރަފާތު ދުވަހުގައި، އިޒްރޭލުގެ މުދާ ގަނެ، ވިޔަފާރި ކުރުން ހުއްޓައިލަން ޢަޒުމް ކަނޑައެޅުމަށް ޝެއިޚު ޒަމްޒަމް ފާރިޝް ގޮވައިލައްވައިފިއެވެ.

Ads by Asuru

އިޒްރޭލުން ފަލަސްޠީނުގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދު ކުރަމުންދާ މި ދަނޑިވަޅުގައި، ޢަރަފާތު ދުވަސް ބައްދަލު ކޮށްފައިވާއިރު، ޝެއިޚް ޒަމްޒަމް ”އެކްސް“ގައި ވިދާޅުވީ، މި ފެށޭ ޢަރަފާތު ދުވަހު ކަނޑައަޅަންވީ އެންމެ ބޮޑު އެއް ޢަޒުމަކީ، އަނިޔާވެރި އިޒްރޭލުގެ މުދާތައް ގަނެ ވިޔަފާރި ކުރުން ހުއްޓާލަން، ނުވަތަ ވީހާވެސް މަދު ކުރެވޭތޯ ކަމަށެވެ.

ޝެއިޚު ވަނީ އިޒްރޭލުގެ ނުވަތަ އެމީހުންނަށް ވާގިވެރިވާ ވިޔަފާރިތައް ޗެކު ކުރެވޭނެ ”ނޯ ތޭންކްސް“ އެޕްލިކޭޝަންގެ ފޮޓޯތަކެއް ވެސް އޭނާ ކުރެއްވި ޕޯސްޓުގައި ހިއްސާ ކުރައްވައިފައެވެ.

”މި އެޕްލިކޭޝަނުން އެކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން. إن شاء الله. ހުރިހާ ބޭފުޅުން ވެސް މި އެޕްލިކޭޝަން ބޭނުންކުރެއްވުމަށް އިލްތިމާސް ކުރަން.“ އޭނާ ވިދާޅުވިއެވެ.

ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭތާ އެތައް އަހަރެއްވީއިރު، މި ފަހުން މި ދޭން ފެށި ހަމަލާތައް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.

މި ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 37000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.