ޙައްޖު ދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރެއްވުން އެދި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދުޢާ ކުރައްވައިފިއެވެ.
އެކްސްގައި ރައީސް މުޢިއްޒު މިރޭ ކުރެއްވި ޕޯސްޓެއްގައި އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަހަކީ ޙައްޖު ދުވަސް، ނުވަތަ ޢަރަފާތު ދުވަސް ކަމުގައި ވިދާޅުވިއެވެ.
”ﷲގެ ރުއްސެވުމާ، ފުއްސެވުމާ، މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރައްވާށިއެވެ. އާމީން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ޙައްޖު ދުވަސް ނުވަތަ ޢަރަފާތް ދުވަހަކީ ކޮންމެ އަހަރެއްގެ ޙައްޖުމަހުގެ 9 ވަނަ ދުވަހެވެ. މާތްﷲގެ ޙަޟްރަތުގައި ރޭތަކުގެ ތެރެއިން އެންމެ މާތް ރެއަކީ، ލައިލަތުން ޤަދުރި ވިލޭރޭކަމުގައި ލެއްވި ފަދައިން، ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ، ޢަރަފާތް ދުވަސް ނުވަތަ ޙައްޖުދުވަހެވެ. މިދުވަހަކީ އެތައް ގޮތަކުން ބަރަކާތްތެރި ދުވަހެކެވެ.
ޢަރަފާތު ދުވަހަކީ މާތްﷲ އެންމެ ގިނަ މީސްތަކުން ނަރަކައިން ސަލާމަތް ކުރައްވަވާ ދުވަސްކަމުގައި ވަނީ ލައްވަވައިފައެވެ.
