ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތް ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގެ ދަތުރުފުޅަށް 3.8 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

Ads by Asuru

ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސާއި މިނިސްޓަރުންގެ ޓީމެއް އެންޓީގާ އެންޑް ބާބިޔުޑާ އަށް ވަޑައިގެންނެވީ މެއި 24-31 އަށެވެ. އެގޮތުން ދަތުރުގައި ޖުމްލަ 16 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނީ އެންމެ ބޮޑު ހަރަދެއް ހިނގީ ދަތުރުގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ދެކޮޅު ޓިކެޓް ޚަރަދަށް ކަމަށެވެ. އެއީ 2.6 މިލިއަން ރުފިޔާއެވެ.

މި ދަތުރުފުޅު ކުރެއްވީ ރާއްޖެއާ ވަރަށް ދުރުގައި އޮތް ގައުމަކަށްވާތީ ރާއްޖެ އިން ފުރާވަޑައިގަތުމާއި، އެނބުރި ވަޑައިގަތުމުގައި ވެސް ދަތުރުމަތީ ކޮންމެ ފަހަރަކު 36 ގަޑިިއިރަށް ވުރެ ގިނަ އިރު ހޭދަކުރެއްވި ކަމަށެވެ.

ސިޑްސް ކޮންފަރެންސްގެ ދައުވަތު ރައީސް ޑރ. މުއިއްޒަށް އެރުވީ ކޮޕް 28 ސަމިޓްގެ ހަވާސާގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ކޮންފަރެންސްގައި ރައްޔިތުންނަށް މުހިންމު އެކިއެކި ކަންކަމުގައި ރައީސް މުޢިއްޒު ވަކާލާތު ކުރެއްވިއެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މި ކޮންފަރެންސްގައި އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ.