ރާއްޖެއިން ޔުނައިޓޭޑް އަރަބް އެމިރެޓްސް (ޔޫއޭއީ)އަށް ކަނޑައަޅާފައިވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފް (މުންދު)، ސަފީރުކަމުގެ ފަތްކޮޅު، އެ ޤައުމުގެ ރައީސް އަދި އަބޫދާބީގެ ރޫލާ ޝެއިހު މުޙައްމަދު ބިން ޒައިދު އަލް ނަހްޔާނަށް އަރުއްވައިފިއެވެ.

Ads by Asuru

ޝެއިހު މުޙައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފައި ވަނީ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު، ގަސްރު އަލް ވަތަންގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ޝެއިހު މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ.އަދި ޤައުމުތަކާއިއެކު ޔޫއޭއީގެ ގުޅުން ހަރުދަނާކުރުމަށް އެ ޤައުމުން އަބަދު ވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގޮތުން ރަސްމީކޮށް ގުޅުނީ މާރިޗް 15، 1978 ވަނަ އަހަރުއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި، ރާއްޖެ-ޔޫއޭއީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވޭއިރު، އެމަނިކުފާނުގެ ރައީސްކަމުގައި ތިން ފަހަރެއްގެ މަތިން ޔޫއޭއީއަށް ވަޑައިގެންފައިވެއެވެ.